ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުން

ހަވީރު ނިއުސް ސަރވިސް: ނުކުޅެދުންތެރިކަން ހުންނަ މީހުން (ކުޑަކުދިން ވެސް ހިމެނޭ ގޮތަށް) ގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރިންސުރެ ވެސް ތަފާތު މަސައްކަތްތައް ކުރަމުން އަ އެވެ. އެކަމަކު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި، އިމާރާތްކުރުމުން ފެށިގެން ޚިދުމަތުގެ ދާއިރާއާ ހަމަށް، އެމީހުންނަށް ފަސޭހަ ހޯދައިދިނުމެއް، އެމީހުންނަށް ހިޔާމަތް ދިނުމެއް ނޯވެ އެވެ. އެހެންކަމުން ވީލްޗެއާއެއްގައި ދާ މީހަކަށް ތަނަކަށް ނުވަދެވެ އެވެ. ދޮރާ ހަމައިން ޖެހޭނީ މަޑުކުރާށެވެ.

މިކަހަލަ ހުރަސްތަކާ ހެދި އެތައް ކުދިންނަކަށް ވަނީ ތައުލީމު ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވީލްޗެއާއެއްގައި ދާ ކުއްޖާ އަށް ކްލާސް ރޫމްގެ ދޮރު ކައިރިން މަޑުކުރަން ޖެހުމަކީ މައްސަލައެކެވެ. ރާއްޖޭގެ ސްކޫލްތައް ހަދާފައި ހުންނަން ޖެހޭނީ އެ ކްލާސްރޫމަށް، އެގޮނޑީގައި އެ ކުއްޖާ އަށް ވަދެވޭ ގޮތަށެވެ. ޚިދުމަތް ހޯދަން ދާން ޖެހޭ އެހެން އިދާރާތައް ވެސް ހުންނަން ޖެހޭނީ އެފަދަ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަކަށެވެ.

ނުކުޅެދުންތެރިކަން ހުރުމުގެ މާނަ އަކީ ދިރިއުޅުމުގެ އުފާތަކުން އެމީހުން މަހުރޫމްވުމެއް ނޫނެވެ. ކަންފަތަށް ނީވޭ މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ އަސާސީ ކަންތައް ފުދޭ ވަރަށް ތައުލީމު ލިބިގަތުމުގެ ފުރުސަތު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮވެ އެވެ. ރާއްޖޭގައި ވެސް އެކަން ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދެ އެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުއްޓަސް ކޮންމެވެސް މަސައްކަތެއްގައި ބައިވެރިކޮށްގެން ގެންގުޅުމުގެ ފުރުސަތު އެމީހުންނަށް ލިބިދޭން ޖެހެ އެވެ. އޭރުން ހަމައެކަނި ދައުލަތުން ދޭ އެއްޗަކަށް ބިނާނުވެ، އަމިއްލަ އަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމުގެ އާދަ އަށަގަންނާނެ އެވެ. މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ގައުމުގައި ކަންކަން ފުރިހަމަވާނީ ދައުލަތުގެ އިދާރާތަކާއި އާންމުން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އަޅުގަނޑުމެންގެ ފަރާތުން ގިނަ ކަންތައްތަކެއް މުޖުތަމައުގެ ހައްގުގައި ފޯރުކޮށްދިނުމުގެ ރީތި އާދަ އަށަގަންނުވައިގެންނެވެ.

މި ޒަމާނުގައި ނުކުޅެދުންތެރިކަން ހުރުމުގެ މާނަ އަކީ އާދައިގެ ދިރިއުޅުމަކުން އެމީހުން މަހުރޫމްވުމެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކު އެކި ދާއިރާތަކުން ބޮޑެތި ކާމިޔާބީތައް ހޯދައި، ވިޔަފާރި އާއި އެހެނިހެން ފަންނުވެރިކަމުގައި ނަމޫނާ ބަޔަކަށް ވެފައިވަނީ މަދެއްކޮށެއް ނޫނެވެ. އެކަމަކު އެ ހާސިލްކުރުމާ ހަމައަށް ދަތުރުކުރުމަށް މުޖުތަމައުގެ ފަރާތުން ވަކި ކަންކަން ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަމެއް ދޭން ޖެހެ އެވެ. އެމީހުންގެ މަތިން ހަނދާންނައްތާ ނުލައި، ކުރިއަށް ގެންދެވޭނެ މަގުތަކެއް ދައްކައިދޭން ޖެހެ އެވެ.

ރާއްޖޭގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މިހާރަށް ވުރެ މުހިންމު ރޯލެއް އަދާކުރުމުގެ ފުރުސަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ކޮންމެވެސް ވަރެއްގެ ވާޖިބަކަށް ނޫނީ ނުވާނެ އެވެ. އެހެންކަމުން އެފަދަ ފަރާތްތަކާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނައި، ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން، ފަސޭހަކޮށް ކަންކަން ހަމަޖައްސައިދިނުން، ވަރަށް މުހިންމެވެ.

ޓްރެކްބެކް ލިންކް: –  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުން

FB comments:

Leave a Reply