ލޮލުގެ ނުކުޅެދުންތެރިކަން

 

ލޮލުގެ ނުކުޅެދުންތެރިކަމކީ މީހާގެ ފެނުމުގެ މިންވަރު ހުންނަންވާ މިންގަނޑަށްވުރެ ދަށުވުމެވެ. ފެނުމުގެ އެއްވެސް މައްސަލައެއް ނެތް މީހެއްގެ ފެނުމުގެ މިންވަރަކީ 6/6 އެވެ. މިމިންވަރަށް ވުރެ ފެނުން ދަށްވެއްޖެކަމަށްވާނަމަ އެމީހެއްގެ މިންވަރު ދަށްވީއެވެ. މީގެ މާނައަކީ 20 ފޫޓްގައި ފެންނަތަކެތި ނުވަތަ ދެނެގަނެވޭ ތަކެތި 10 ފޫޓަށް ކައިރިވެގެން ނޫނީ ނުފެނުމެވެ. ބައެއްމީހުން އުފަންވާއިރުވެސް ލޮލުގެ ބާރުދެރަވެ ފެނުމުގެ ޙިއްސަށް ގެއްލުން ލިބިފައިވެއެވެ. ހަމައެއާއެކު އިންސާނާ ދުނިޔެއަށް އައުމަށްފަހުގައިވެސް ލޮލުގެ ފެނުން ގެއްލިގެންދެއެވެ. ވަރަށްގިނަ ބަޔަކު ދެކޭގޮތުގައި ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެކަން ފޫބައްދައިދޭން އިތުރު ޙިއްސެއް އެމީހުންނަށް ލިބިފައިވެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. މިކަންފޫބެއްދުމަށްޓަކައި އެމީހުން އެހެންމީހުންނަށްވުރެން ބޮޑަށް އެހެން ޙިއްސުތަކުގެ ބޭނުންކުރެއެވެ. މިގޮތުން އަޑުއެހުމުގެ ހިއްސު ، ވަސްދެނެގަތުމުގެ ޙިއްސު އަދި ބީހުމުގެ ޙިއްސުގެ ބޭނުން ބޮޑަށްކުރެއެވެ.

ދިމާވާން މެދުވެރިވާ ސަބަބު:

- ލޮލުގެ މައިނާރު ނުވަތަ ލޭދައުރުކުރާ ނިޒާމްފަދަ ބައިތަކަށް ގެއްލުންވުން.

- ސިކުނޑީގައިވާ ފެނުމުގެ ނިޒާމް ކޮންޓްރޯލްކުރާ ބަޔަށް ގެއްލުންވުން.

- ބައެއްކަހަލަ ބަލިތައް. (ކޯނިއަލް އަލްސާ، ލޮލަށްފުސްއެރުން މިފަދަ ބައްޔަށް އެކަށީގެންވާ ފަރުވާ ނުހޯދުމުގެ ސަބަބުން)

- ރެޓިޓައިނިސް ޕިގްމެންޓޯސާ މިއީ ލޭގެ ގުޅުންހުންނަ މީހުން ކައިވެނި ކުރުމުގެ ސަބަބުން ޖީންތަކުގެ ބާރުދަށްވެ ލޮލުގެ ފެނުމަށް ބެނުންވާ ރޮޑްސްތައް މަޑުމަޑުން ނެތިދިއުމުގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލުއައުން.

މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް:

- ކައިރި ނުވަތަ ދުރު ބަލަން އުދަގޫވުން.

- ތަންތަން ބެލުމަށް ލޯ ނުވަތަ  ބޯ ޙަރަކާތްކުރުން.

- ލޯ ނުސާފުވުން ، ފަނޑުކުލައަކަށް ހުރުން.

- އެއްތަނުން އަނެއްތަނަށް ދިއުމުގައި އުދަގޫކަމެއް ހުރުން ، އެއްޗެހީގެ އެހީގައި ދިއުން.

- ބޯޑްގައި ލިޔެފައިވާ ލިޔުންތައް ނުވަތަ ފޮތުގައި ކުދިކޮށް ހުންނަ ލިޔުންތައް ކިޔަން އުދަގޫވުން.

* ނޯޓް: ކުއްޖާގެ ފެނުމުގެ މައްސަލެއެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އަމިއްލައަކަށް ޓެސްޓް ކުރެއްވިދާނެއެވެ.   ޓެސްޓްކުރަން ބޭނުން ކުރެވިދާނެ ދެގޮތުގެ މިސާލު ބައިވެރިން މަޝްވަރާ ކުރެއްވުމަށްފަހު އެހެން ގުރޫޕްތަކަށް ހުށަހަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ.

އެޅިދާނެ ފިޔަވަޅުތައް:

- މާބަނޑު ދުވަސްވަރު ރަގަޅުކާނާ ކެއުން

- ވިޓަމިން އޭ އެކުލެވޭ ކާނާ ކެއުން

- ޅޮލުގެ މައްސަލައެއް އުޅެކަމަށް ޝައްކުވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން . އެއީ ބައެއްފަހަރު އައިނުގެ އެހީގައި ނުވަތަ އެހެން ކޮންމެވެސް ޑިވައިސްއެއްގެ އެހީގައި ފެނުން އިތުރަށް ގޯސްވިޔަ ނުދީ ހިފެހައްޓައިދީ އަދި ފެނުން އިތުރަށް ތަރައްޤީކުރުމަށްވެސް އެހީވެދެއެވެ.

- އެހެން ޙިއްސުތަކުގެ އެހީގައި ކުއްޖާކަންތައްތައް ދަސްކުރުމަށް އެހީތެރިވެ ބާރުއެޅުން.

- އަމިއްލަ އަސާސީ ބޭނުންތައް ފުއްދުމަށް ދަސްކޮށްދިނުން.

FB comments:

Leave a Reply