ޒަހަމްވެފައިވާ މި ކުޑަކުއްޖާގެ ލޯ، ތިބާގެ އެހީއަށްއެދި ރޮނީއެވެ.

ލިޔުނީ: ހުސެއިން ޒަބީރު (ހޒމވ) – ދިއިސްލާމް ޑޮޓް ކޮމް

ސައުޤުވެރިކަމާއި އެކު މި ލިޔުންކިޔާލުމަށްޓަކައި، ތިބާގެ ދެލޮލުގެ ނަޒަރު މި ލިޔުމަށް ހުއްޓިފައިވާއިރު، ފެނުމުގެ ނަސީބާއި ވަކިވަމުންދާ ކުޑަ ކުއްޖަކު، އަލުން އަނބުރާ ފެނުމުގެ ފުރިހަމަ ނަސީބު ހޯދުމަށްޓަކައި ތިބާގެ އެހީތެރިކަމަށް އެދި އެ ލޮލުން ކަރުނަ އޮހޮރަމުންދާއިރު، ކުލުނާއި ހަމްދަރުދީގެ ލޮލުން އެކުއްޖާގެ އުންމީދީ މުސްތަޤުބަލަށް ނަޒަރުހިންގާލަމާ ހިނގާށެވެ. ފެނުމުގެ ނަސީބަކީ އިންސާނައަށް މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު، އަޖައިބެއްފަދަ ނިޢުމަތެއް ނޫންތޯއެވެ. މި މުހިންމު ދަނޑިވަޅުގައި، މާތް ﷲ ދެއްވާފައިވާ މި ނިޢުމަތުގެ ބޮޑުކަމަށާއި، އެ މަޢުސޫމް ކުޑަ ކުއްޖާގެ ހިތްދަތި ހާލަތާއިމެދު ފުންކޮށް ވިސްނާލައި، އަނބުރާ މިދުނިޔޭގެ މަންޒަރުތައް އެ މަޢުސޫމު ކުޑަ ކުއްޖާއަށް ހޯދައިދިނުމަށްޓަކައި ތިބާގެ އެހީގެ އަތް ހުޅުވާލަމާ ހިނގާށެވެ.

ހދ ވައިކަރަދޫ އިލާ އުމުރުން 10 އަހަރުގެ މުހައްމަދު ޢާލިމް އަކީ އުފަންވުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ، މުޖްތަމަޢުގެ އެހީތެރިކާމާއި އަޅާލުމަށް ބޭނުންވެފައިވާ ކުއްޖެކެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ގޭތެރޭގައި ކުޅެން އުޅެމުގެ ތެރޭގައި ތޫނު އެއްޗެއް ލޮލަށް ހެރި، ލިބުނު ސީރިޔަސް އަނިޔާއެއްގެ ސަބަބުން ޢާލިމް މިއަދުވަނީ ކުއްލިގޮތަކަށް މާލެ ގެނެވި، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭންފަށާފައެވެ. ކަނާތު ލޮލަށް ތޫނު އެއްޗެއް ހެރި، ލިބުނު ބޮޑު އަނިޔާގެ ސަބަބުން ޢާލިމް މިއަދު ކުރިމަތިލާން ޖެހިފައިވަނީ ސީރިއަސް އޮޕަރޭޝަނަކަށެވެ. މިވަގުތު މާލޭ އައިޖީއެމް ހޮސްޕިޓަލުން ފަރުވާދެމުން ދިޔަނަމަވެސް، ޑޮކްޓަރުން މިހާރުވެސް ދަނީ ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހިދާނެކަމުގެ އިންޒާރުދެމުންނެވެ. އެހެންކަމުން މިވަގުތު ޢާއިލާއަށް އަޅުގަނޑުމެންގެ ދީލަތި އެހީއެއް ބޭނުންވެއެވެ. މާލީހާލަތު ހުރި ގޮތުން، މާލެއިން އޮޕަރޭޝަނެއް ކުރަން ޖެހުނަސް، އޮޕަރޭޝަނަށް ރައްޖޭއިން ބޭރަށް ފުރަން ޖެހުނަސް، މިފަދަ ބޮޑު ޚަރަދެއް ޢާއިލާއިން ކުރެވޭކަށް ނެތެވެ. އެކަމަށްޓަކައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އަޅާލުން އެއާއިލާއަށް ބޭނުންވެއެވެ.

އެ ކުޑަކުޑަ ޢާލިމްގެ ޢާއިލާގެ މެންބަރުން މިއަދު ތިބީ ނުތަނަވަސްކަމާއި ހާސްކަންމަތީގައެވެ. ޢާއިލާގެ މެންބަރުންގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާއި، ނާއުންމީދުގެ އަސަރުތަކެވެ. މަންމައެއްގެ ދެލޮލުން ކަރުނަ އޮހެމުންދާއިރު، އެ މަންމަ ބަނޑުއަޅާ ވިހޭ ދަރިފުޅު އޮތީ ޒަހަމްވެފައިވާ ލޮލުން ހަށިގަނޑަށް އަޅަމުންދާ ވެނާއި، ތަދުގެ ސަބަބުން ނާޒުކު ފަށްތަރެއްގައެވެ. ގެއްލެމުންދާ ލޮލުގެ ފުރިހަމަ ނޫރު އަލުން އަނބުރާ ލިބުމުގެ އުންމީދުގައެވެ. އެކަމަކު މި ކުޑަކުޑަ ޢާލިމްގެ އުންމީދުތައް ފުރިހަމަ ކުރެވޭނީ ހަމްދަރުދީއާއި، ހިތްހެޔޮކަމާއިއެކު އިންސާނިއްޔަތަށްޓަކައި ތިބާ ދިއްކޮށްލާ އެހީގެ ސަބަބުންނެވެ. މިއަދު ތިބާގެ ދެލޮލުން ދުނިޔެބަލަމުން، އުފާކުރަމުން، ކޮފީތަކާއި، ކެއުންތަކަށް ރައްޓެހިންނާއިއެކު ގޮސް، މަޖާކޮށްލާއިރު އެކަމަށްޓަކައި އަތުން ދޫކޮށްލައި ފައިސާކޮޅު، މި ކުޑަކުޑަ ޢާލިމްގެ ލޮލުގެ ނޫރު އަނބުރާ ހޯދައިދިނުމަށްޓަކައި ކުރެވޭ ބޮޑު އޮޕަރޭޝަނަށް، ހޭދަކޮށްލަމާ ހިނގާށެވެ. ތިބާގެ އަތުން ދިއްކޮށްލާ އެންމެ ފަސްރުފިޔާއަކީވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެންވެސް އަގުބޮޑު އެއްޗެކެވެ.

ދުނިޔޭގައި ދިރިއުޅުމުގައި އެއް ހާލަތުން އަނެއް ހާލަތަށް އިންސާނާ ބަދަލުވާއިރު، ބައެއް ދަނޑިވަޅުތަކަކީ އިންސާނާއަށްޓަކައި ފުރުސަތުތަކެއް ހުޅުވޭ ވަގުތުތަކެކެވެ. ތިބާއަށްޓަކައި މިއީ މުހިންމު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފާށެވެ. އެހީގެ އަތް ހުޅުވާލައި، އެ ޢާއިލާއާއި ކުޑަކުޑަ ޢާލިމްގެ އުފާވެރިކަމަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ. އިންސާނިއްޔަތަށްޓަކައި، މިއަދު ތިބާގެ އަތުން ދޫކޮށްލެވޭ އެހީތެރިކަމުގެ ފައިސާކޮޅަކީ، މާދަމާ ތިބާ ހިނިތުންވުމުގެ އަސްލުކަމައުގައި ވުމީވެސް އެކަށީގެންވާ ކަމެކެވެ. ޒަހަމްވެފައިވާ ލޮލަކުން މިއަދު އެރޮނީ ކުޑަކުޑަ މަޢުސޫމް ކުއްޖެކެވެ. މާދަމާ ހަމަ އެފަދަ ލޮލަކުން ރޯލާނީ ތިބާ ނޫންކަކަމެއްވެސް ނޭނގެއެވެ. އެދުވަހުން ހަމަ މިގޮތަށް ތިބާވެސް އެހީތެރިކަމަށް އެދޭނެއެވެ. އާދޭސްކުރާނެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުންހިފާ، ތިބާގެ އެހީތެރިކަން ކުޑަކުޑަ ޢާލިމްއަށް ފޯރުކޮށްދެމާ ހިނގާށެވެ.

މިއަދު އެއީ ކުޑަކުޑަ ޢާލިމްގެ އެއް ލޮލެވެ. ނަމަވެސް އެ ލޮލުގެ ސަބަބުން މާދަމާ އަލިކޮށްދޭނީ ކިތައް އިންސާނުންގެ ލޯކަމެއްވެސް ނޭނގެއެވެ. އެ ލޮލުގެ އެހީގައި މާދަމާ މި މުޖްތަމަޢުއަށް މުހިންމު ހިދުމަތްތަކެއް ކޮށްދިނުމަކީވެސް ހަމަ އެކަށީގެންވާކަމެކެވެ. އެހެންކަމުން އެ ކުޑަކުޑަ ޢާލިމްގެ ލޮލަށްޓަކައި ތިބާގެ ދީލަތިއެހީތެރިކަން ފޯރުކޮށްދޭށެވެ. މިވަގުތު ޢާލިމް އޮތީ އައިޖީއެމް ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގެ 12 ވަނަ އެނދުގައެވެ. ޢާލިމްގެ ހާލަތުދެކިލާ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒިޔާރަތްކޮށްލުމަކީ ތިބާގެ އަމިއްލަކަމެއްގެ ގޮތުގައިދެކި، އެކަމަށްޓަކައި ކުޑަނަމަވެސް ވަގުތުކޮޅެއް ހުސްކޮށްލަމާ ހިނގާށެވެ.

ކުޑަކުޑަ ޢާލިމް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ ޢާލިމްގެ ބައްޕަ ހދ.ވައިކަރަދޫ އިލާ ޢަބްދުއްރަހީމް ޢަބްދުރަހްމާނު 9715002 އަށެވެ. އަދި އައިމިނަތު ރިޒްނާ 7608912 އަށެވެ. “އިންސާނިއްޔަތަށްޓަކައި އަހަރެން އެހީވާނަން، މާދަމާ އަހަރެންވެސް އެހެންމީހުންގެ އެހީތެރިކަމަށް އެދެން ޖެހޭނެ”.

އޮރިޖިނަލް ލިޔުން: ދި އިސްލާމް ޑޮޓް ކޮމް

ޚަބަރު، ސަން: ވައިކަރަދޫގައި ލޮލަށް ވަޅިހެރުނު ކުއްޖާގެ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފި 28-07-2011

ޚަބަރު، ސަން: ވައިކަރަދޫގައި ކުޑަކުއްޖެއްގެ ލޮލަށް ވަޅިއެއް ހެރިއްޖެ 26-07-2011

FB comments:

Leave a Reply